ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ ޤުރްއާ މުބާރާތް ރޭ ފަށައިފިއެވެ.
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެެއްގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފެވެ.
އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީޢު ވެސް ބައިވެރިވެވަައިގަތެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތަކީ، މުބާރާތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެއުމަށް ފަހު ބާއްވާ މުބަރާތެކެވެ. އެގޮތުން މި އަހަރުގެ މުބާރާތުގެ އޮޑިޝަން ބުރު މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ 20 ސަރަހައްދެއްގައި ވަނީ ބާއްވައިފައެވެ.
މުބާރާތުގެ އޮޑިޝަން ބުރުގައި 2،742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަށް ހޮވުނީ 379 ބައިވެރިއެކެވެ.
މުބާރާތުގެ ސެމީ ފައިނަލް ބުރުގެ ކިޔެވުން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 14 އާ ހަނައަށެވެ. އަދި ފައިނަލް ބުރުގެ ކިޔެވުން ކުރިއަށް ދާނީ މި މަހުގެ 16 އާއި 17 ގައެވެ.

