ހުޅުމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން، ސައުދީ އަރަބިއްޔާގެ މަޝްހޫރު އައްރާޖިހީ ކުންފުންޏާ ހަވާލުކޮށްފިއެވެ.
މިއަދު އިސްލާމިކް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި މިސްކިތް އެޅުމަށް ބޭނުންވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
އަދި އައްރާޖިޙީ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ބަންދަރު ޢަބްދުﷲ އައްރާޖިޙީއެވެ.
ހުޅުމާލޭގައި ބިނާ ކުރާ އެންމެ ބޮޑު މިސްކިތަށް ކިޔަނީ، ”ސުލްޠާން މުހައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރ“އެވެ.
މި މަޝްރޫއުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ އިސްލާމީ އާކިޓެކްޗާގެ ރީތިކަމާއި، ރާއްޖޭގައިވާ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތަރިކަ ދައްކުވައިދޭނެ، އަދި އީމާންތެރިކަމާއި، ޢިލްމާއި، އެކުވެރިކަމާއި، އިޖުތިމާއީ ގުޅުމުގެ މަރުކަޒެއްގެ ގޮތުގައި ހިދުމަތްކުރާނެ ބިނާއެއް ކަމަށެވެ.
މި މިސްކިތް ބިނާކުރެވިގެންދާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގާއި ޕާކިން ވެސް ހިމެނޭނެއެވެ.
އަދި ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި މިސްކިތުގައި ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށާއި މިސްކިތުގައި ޑިޒައިން އެއްކޮށް ނިމުމުން އަދަދު ކަށަވަރުވެގެންދާނެ ކަމަށް ޝަހީމް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

