Advertisement
ގައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނަ އަކީ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ އޮތް ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ގައުމީ ހަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ހަގީގަތްތައް ކަމަށެވެ.

އިސްލާމީ ޝަރީއަތުގެ މައިގަނޑު ފަސް މަގްސަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާއީ އަދި ގައުމީ ހަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމައުއަކީ އަމާން، އިތުބާރު ބޮޑު މުޖުތަމައުއަކަށް ބަދަލުވެގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

އިސްލާމްދީން އައުމުގެ ކުރިން ދިވެހި މުޖުތަމަޢުގައި އޮތް ޝިރުކުގެ އަނދިރިކަމާއި އިޖުތިމާޢީ ނަހަމަކަން ނައްތާލައި، ހުރިހާ އިންސާނުންނަކީ މާތް ﷲގެ ހަޟްރަތުގައި ހަމަހަމަ ބައެއްކަމުގެ ހަގީގަތް ދިވެހީންގެ ހިތްތަކަށް ފޯރުވައިދިނީ އިސްލާމީ ހިދާޔަތުން ކަމަށާއި، އިންސާނީ ފުރާނައިގެ ޙުރުމަތް ކަށަވަރުކޮށްދީ، އަބުރުވެރިކަމާއި މުދަލުގެ ރައްކާތެރިކަން ދިވެހީންނަށް ލިބިގެންދިޔައީ މި މާތް ދީނުގެ ސަބަބުންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހާއްސަ ބުއްދި ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މަސްތުވާތަކެއްޗަކީ މުޅި މުޖުތަމަޢާއި އާއިލާތައް ހަލާކުކޮށްލާ ބޮޑު މުސީބާތެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން މެނުވީ އެފަދަ ނުރައްކާތަކުން ގައުމު ސަލާމަތް ނުކުރެވޭނެ ކަމަށާއި، ބުއްދީގެ އިޞްލާޙާއެކު އުފެއްދުންތެރި، ޙިކްމަތްތެރި ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ މިއާއެކު މި ޝަރަފުވެރި މުނާސަބަތުގައި، ދީނީ ކަންކަމަށް ހޭދަކުރުމަށާއި އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްގީއަށް ހާއްސަކޮށް ”މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް“ ގެ ނަމުގައި ގައުމީ ވަގުފު ކުންފުންޏެއް އުފެއްދެވިކަން ފާހަގަކުރައްވަމުން ރައީސް ވަނީ، މި ކުންފުންޏަކީ ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގައި، ދީނީ ކަންކަމަށް ހޭދަކުރެވޭނެ މާލީ ވަސީލަތްތައް ފުޅާކުރުމުގެ އިތުރުން، 2040 ވަނަ އަހަރާ ހަމަޔަށް ދާއިރު ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ ވަށާޖެހޭ ތަރައްޤީގެ މަސައްކަތުގައި މުހިއްމު ދައުރެއް އެކުންފުނި އަދާކުރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ތާރީހަށް ނަޒަރު ހިންގަވަމުން ރައީސް ވިދާޅުވީ، ދިވެހީން ގައުމުގެ ދިފާޢުގައި ނިކުތް ކޮންމެ ފަހަރަކު އެކަން ފެށިފައިވަނީ ދީން ސަލާމަތްކުރުމުގެ ރޫހާނީ ވިންދުތަކުގެ ތެރެއިން ކަމަށެވެ.

އުތީމު މަހާރަދުން ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުން މިސާލު ނަންގަވަމުން، އެ ދުވަހު ދިވެހި މުޖުތަމަޢު ސަލާމަތްވީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދިވެހީން ތިބުމުންނާއި، ދީނަށް ޣައްދާރުވާނެ ބަޔަކު ދިވެހީންގެ ތެރޭގައި ނުވުމުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވާހަކަފުޅު ނިންމަވާލައްވަމުން، ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރުގެ ތެރެއިން އަންނަ ގޮންޖެހުންތަކުން ދުރުވެ، އީމާންތެރިކަމުގެ ރޫހު އާކުރުމަށް އިލްތިމާސްކުރެއްވިއެވެ.

އަދި ދިވެހި ގައުމީ ތަރައްގީގެ ދީނީ މުސްތަގުބަލް ކޮންމެ ފަރުދެއްގެ ހިތުން ފެށިގެން މުޅި ޖަމާޢަތަށް ފެތުރިގެންދާ ގޮތަށް ބައްޓަންކުރުމަށާއި، ދިވެހިރާއްޖެ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި އަބަދުމެ ދެމެހެއްޓެވުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.