ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުހައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.
އެކަމަށްޓަކައި މިއަދު ހުޅުމާލޭގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ޢިއްޒަތްތެރި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު އަދި އައްރާޖިހީ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ބަންދަރު އަބްދުﷲ އައްރާޖިހީގެ އިތުރުން ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ.
މިސްކިތުގެ ބިންގާ އެޅުއްވުމުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރުވަނީ ބައިވެރިވެލައްވާފައެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ސަގާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
މި ބިނާގައި އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ހާއްސަ އޮފީސްތަކުގެ އިތުރުން ތައުލީމީ، ސަގާފީ އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ހާއްސަ މަރުކަޒެއް ހިމެނެއެވެ.
ދީނީ މައުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުހާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީހީ މައުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް ގާއިމްކުރާނެއެވެ.
އިސްލާމީ އަދި ތާރީހީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްވެސް މިސްކިތާއެކު ތަރައްގީ ކުރާނެއެވެ.
މިސްކިތަށް ޒިޔާރަތް ކުރާ އާންމުންނާއި ފަތުރުވެރިންނަށް ހާއްސަ ވިޒިޓަރ އޭރިއާއެއް ގާއިމު ކުރާއިރު، އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއްވެސް މިތަނުގައި ހުންނާނެއެވެ.

