މި ދުވަސްވަރު ރާއްޖޭގައި މޫސުމީ ރޯގާއާއި ބޭރަށްހިންގުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، ވޭތުވެދިޔަ ހަފްތާއިން ފެށިގެން ހޮޑުލުމާއި ބޭރަށްހިންގުމުގެ ކޭސްތައް ރިޕޯޓްކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ.

އަދި މި ބަލިތަކުން ރައްކާތެރިވުމަށްޓަކައި އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

މި ދުވަސްވަރު ފެތުރެމުންދާ މޫސުމީ ރޯގާތަކާއި ބޭރަށްހިންގުމުން ރައްކާތެރިވުމުގެ ގޮތުން ސަމާލުކަން ދޭންވީ މުހިންމު ކަންތައްތަކުގެ ތެރޭގައި ސައިބޯނިލައިގެން ގަވާއިދުން ރަނގަޅަށް އަތްދޮވުމަށް އާދަކުރުމާއި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި، ދުވާލުގެ އެކި ވަގުތުތަކުގައި ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި، ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ، މާސްކު އެޅުމަށް ސަމާލުކަން ދިނުމާއި، ހަށިގަނޑަށް އުނދަގޫވާނަމަ ނުވަތަ ބަލިވެ އުޅޭނަމަ، ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށް އަރާމުކުރުން ހިމެނެއެވެ. 

މީގެއިތުރުން، ބޭރަށްހިންގުން ޖެހިއްޖެނަމަ ގޭގައި ކުރެވިދާނެ މުހިންމު ކަންތައްތަކެއް ވެސް އެޗްޕީއޭއިން ވަނީ ހިއްސާކޮށްފައެވެ.