ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެއްޖެއެވެ.

މިކަން ހާމަކުރެއްވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ބޭއްވި މަޝްވަރާތަކަށް ފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

މަޝްވަރާތަކަށް ފަހު ދެއްވި ބަޔާނުގައި ރައީސް ވިދާޅުވީ ޓޫރިޒަމް ދާއިރާއިން ވެސް މުހިންމު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

އެގޮތުން، ދެ ޤައުމުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ހަލާލް ޓޫރިޒަމަށާއި، ސަގާފީ ގޮތުންނާާއި ދީނީ ފަތުރުވެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި އިގްތިސާދީ ގޮތުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ޓްރޭޑް އެގްރީމަންޓެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މެލޭޝިއާ ސަރުކާރާއި އެ ޤައުމުގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޚާއްސަކޮށް އިއާދަކުރަނިވި ހަކަތައާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަ އާއި އިމާރާތްކުރުމާއި އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.