މި ގަރާރު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 1119 މެންބަރުންގެ އިއްތިފާގުންނެވެ.
ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ޢަބްދުﷲ އިބްރާހިމެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ ހުށަހެޅި މި ގަރާރުގައި ބަޔާންކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގެންފިނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިގެންދާނެ ކަމަށެވެ.
އަދި ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ޙިމާޔަތްކުރައްވައި، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލައްވައި، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރައްވާފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ގައުމުގެ މާލީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކުރެއްވުމަށް އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކާއި، ރަސްމާލެ ހިމެނޭހެން ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތައް ފެއްޓެވުމާއި، ’ޑިޖިޓަލް މޯލްޑިވްސް 2.0‘ އާއި ބައިނަލްއަގްވާމީ ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ތަޢާރަފްކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯއްދެވުމާއި، އިސްލާމީ ވަހުދަތާއި ގައުމިއްޔަތު ދިރުވައި، ބައިނަލްއަގްވާމީ މައިދާނުގައި ފަލަސްޠީނުގެ ހައްގުގައި ވަކާލާތު ކުރެއްވުމުގައި ދައްކަވާ ނަމޫނާ ލީޑަރޝިޕްގެ ސަބަބުން، ދެވަނަ ދައުރެއް އެމަނިކުފާނަށް ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ގަރާރުގައިވެއެވެ.

