ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖެއަށް މޫސުން އެހާ ބޮޑަށް ގޯސްނުވި ނަމަވެސް، ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާނެއެވެ.
އަދި މި ދުވަސްވަރު މުޅި ރާއްޖޭގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަކޮށް ހުންނާނެ ކަމަށާއި، ނަމަވެސް އެއީ ދަތުރުފަތުރު ނުކުރެވޭ މިންވަރަށް ނޫން ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މެޓް އޮފީހުން މިއަދުގެ އިރުއޮއްސި 18:00 އާ ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެއެވެ.
އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ.
އަދި އެހެން ހިސާބުތަކަށް ގަޑިއަކު 12 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން، ދެކުނުގެ ކަނޑުތައް މިއަދު މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ފާހަގަކުރެއެވެ.

