މީހުން ޓްރެފިކް ކުރުމުގެ މައްސަލަތަކާއި ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު، އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް) ގެ އިސްވެރިންނާ މަޝްވަރާކުރައްވައިފިއެވެ.
ިއިއްޔެގެ މި ބައްދަލުކުރެއްވުމުގައި ސީޕީ އަހުމަދު މުހައްމަދު ވަނީ، އައިއޯއެމް އިން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން މިސް ކްރިސްޓިން ޕާރކޯއާ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ މީހުން ޓްރެފިކްކުރުން ހުއްޓުވުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ތަފާތު ޖިނާއީ ކުށްތައް ހުއްޓުވުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ގުޅޭގޮތުންނެވެ.
މީގެއިތުރުން، މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި، މިފަދަ ނުރައްކާތެރި ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމަށް ގާއިމުކޮށްފައިވާ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ދެފަރާތް ގުޅިގެން އެޅިދާނެ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ދެބޭފުޅުން ވަނީ ހިޔާލު ބަދަލުކުރައްވައިފައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

