ކްރޮއޭޝިއާއާއެކު އޮތް ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައި ރާއްޖެއިން އެ ގައުމާއެކު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، ހާރިޖީ ވަޒީރު، އިރުތިޝާމް އާދަމްއެވެ.

އަދި ކްރޮއޭޝިއާގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުގެ މިނިސްޓަރ އޮފް ފޮރިން އެން ޔޫރަޕިއަން އެފެއާޒް އެފެއާޒް، ގަރލިޗް ރަޑްމެންއެވެ.

އަދި މި ފަހުމުނާމާގައި ސޮއި ކުރެވިފައި ވަނީ ދެ ވަޒީރުންގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމަކަށްފަހުއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ފަހުމުނާމާގައި ސޮއިކުރެވުމާއެކު، ރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު އޮތް ހާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

އަދި ދެ ގައުމަށް ލާބަޔާއި މަންފާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި، ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން، މި އެއްބަސްވުމުން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް ބޭނުންވާ މިންވަރާއި، އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ވެސް މިނިސްޓްރީން ފާހަގަކުރެއެވެ.