ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ އެއްވަނަ އިސްމާއިލް އިޒުއާން އިބްރާހިމް، އާޔަން އަޙްމަދު އިނާން އަދި އާއިޝަތު ޒީކް ރިޔާޒް ހާސިލްކޮށްފިއެވެ.
ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ އެއްވަނައަށްދިޔަ ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
ރޭ އޮތް ރަސްމިއްޔާތުގައި ހާފިޒުންގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހާސިލްކޮށްފައިވަނީ އިސްމާއިލް އިޒުއާން އިބްރާހިމެވެ.
އަދި ބަލައިގެން ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ އާޔަން އަޙްމަދު އިނާން ހާސިލްކޮށްފައިވާއިރު، ނުބަލައި ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ އާއިޝަތު ޒީކް ރިޔާޒެވެ.
މުޅި މުބާރާތުން އެއްވަނަ އަށް ދިޔަ ފަރާތްތަކަށް ދީފައިވާ އިނާމުތަކުގެ ތެރޭގައި ހިމެނެނީ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ފިލަޔާއި އެމަނިކުފާނު ދެއްވާ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ބޭރު ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް އެމަނިކުފާނު ދެއްވާ ހާއްސަ ސްކޮލާޝިޕެވެ.
މީގެ އިތުރުން ޤުރުއާނާ ބެހޭ ގައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްގެ އިތުރުން އިސްލާމިކް މިނިސްޓްރީއިން ދޭ 75،000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ފަރާތުންދޭ އުމްރާ ދަތުރު ހިމެނެއެވެ.

