ދީނީ ޖަމިއްޔާތަކުގެ ޖަމުއިއްޔާތަކުގެ އަހަރީ ބައްދަލުވުން މިއަދު ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދާ މި ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިނިސްޓަރު ވަނީ، އިސްލާމީ ދަޢުވަތުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރެވޭނީ އެއް ބަޔަކު އަނެއްބަޔަކާއި ގުޅިގެންކަން ފާހަގަކުރައްވައި އިސްލާމީ ދަޢުވަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މިފަދަ ޒަމާނެއްގައި އެކުވެރިކަމާއެކު ކުރެވޭ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.
އަދި އެއްބަޔަކު އަނެއް ބަޔަކަށް ވާން ޖެހޭނީ އެއް ބަޔަކު އަނެއް ބަޔަކު ފުރިހަމަކޮށްދޭ ބަޔަކަށް ކަމަށް ވެސް ޝަހީމު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ފާއިތުވެ ދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު މިނިސްޓްރީން ވަރަށް ގާތުން މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށް ދީފައިވާނެ ކަމަށެވެ.
އެގޮތުން ދީނީ ދަޢުވަތުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އެކިއެކި ވަސީލަތްތައް ހޯދައިދި ނުމަށް ފާއިތުވެދިޔަ ދެ އަހަރު ދުވަހު 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާނެ ކަމަށާއި އޭގެތެރޭގައި އިސްލާމީ ސްޓޫޑިއޯތައް ޤާއިމުކުރުމާއި، ޤުރުއާން ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައި ދިނުން ފަދަ ކަންކަން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ވަރަށް ރަނގަޅަށް ހިނގާ ޖަމުއިއްޔާތަކަށް މާލީ ގޮތުން ދެމެހެއްޓެނިވި ވަސީލަތްތައް ގާއިމްކޮށް ދިނުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ޖަމިއްޔާތަކުގެ މިއަހަރުގެ މި ބައްދަލުވުމުގައި 53 ޖަމުއިއްޔާއަކުން 60 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.
މި ބައްދަލުވުމުގައި އަލިއަޅުވާލުމަށް ހަމަޖެހިފައި ވަނީ ’21 ވަނަ ގަރުނުގައި އިސްލާމީ ދައުވަތު‘ މި މައުޟޫއުއަށެވެ.

