އާއްމުންގެ ސުވާލުތަކަށް މިނިސްޓަރުން ޖަވާބު ދޭން ހާއްސަކޮށްގެން މި ސަރުކާރުން ފެށި ”އަހާ“ ފޯރަމް ބޮޑު މެދުކެނޑުމަކަށް ފަހު މާދަމާ ރޭ ބާއްވަން ނިންމައިފިއެވެ.
މާދަމާ ރޭ ފޯރަމް ބާއްވާ އިރު، ތިން މިނިސްޓަރަކު ބައިވެރިވާނެއެވެ. އެއީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާންގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ފެށި ”އަހާ“ ފޯރަމް މާދަމާ ރޭ އަލުން ބާއްވަން ފަށާ ފޯރަމް ފަށާނީ ރޭގަނޑު 9:00 ގައެވެ.
އެހެންވެ ފޯރަމްގައި ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތު ޕީއެސްއެމުން މިހާރު އޮތީ ހުޅުވާލައިފައެވެ.
އަދި ފޯރަމްގައި ބައިވެރިވެ ސުވާލު ކުރަން ބޭނުންވާ އާއްމުންނަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ޕީއެސްއެމުން ބުނީ ނަން ނޯޓްކުރުމާއި ސުވާލު ބަލައިގަތުން ކުރިޔަށް ދާނީ ޕީއެސްއެމް އެއާ އެޕް މެދުވެރިކޮށް ކަމަށެވެ.
ކޮންމެ ދެ މަހަކުން އެއް މަހު ބާއްވާ ގޮތަށް ”އަހާ“ ފޯރަމް ބާއްވަން ނިންމައި އެންމެ ފުރަތަމަ ފޯރަމް ބޭއްވީ ޖެނުއަރީ 25، 2024 ގައެވެ. އަދި އެންމެ ފަހުން ފޯރަމް ބޭއްވީ މިދިޔަ އަހަރުގެ ޖުލައި 14 ގައެވެ.

