ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މުޅި ރާއްޖެއަށްވެސް ދުންފުހުގެ އަސަރު ކުރަމުންދާއިރު، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިކަމުގެ އަސަރު ވަނީ ބޮޑުވެފައެވެ.
އަދި ދުންފުހުގެ ސަބަބުން މި ސަރަހައްދުތަކުގައި ދުރު ފެންނަ މިންވަރު ވަނީ ދެ ކިލޯމީޓަރަށް ދަށްވެފައެވެ.
ދުންފުހުގެ ސަބަބުން ވައިގެ ފެންވަރު މުޅި ރާއްޖޭގައި ދަށްވެފައިވާތީ، ބޭރުގައި އެކި ހަރަކާތްތަކުގައި ގިނަވަގުތު އުޅޭ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް މެޓް އޮފީހުން ވަނީ އެދިފައެވެ.





