އިދާރާއަކުން ކުރެވޭނެ އެންމެ ރަނގަޅު ހޭދައަކީ އެ ތަނެއްގެ މުވައްޒަފުންނަށް ކުރާ ހޭދަ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ”ނެޝަނަލް އެޗް.އާރު. ކޮންވެންޝަން އެންޑް އެކްޕޯ 2022“ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ޢާންމުކޮށް މަސައްކަތްކުރާ ވައްޓަފާޅިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށާއި އަދި އެއާއެކު ވަރަށް އަގުހުރި ފިލާވަޅުތަކެއް ދަސްވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ.
އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންސާނީ ވަޞީލަތާ، ހުނަރުތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން އީޖާދީ މަޝްވަރާތައް ކުރިޔަށްގެންދިއުމުގެ މުހިންމުކަން ކުރިޔަށްވުރެ މިހާރު މާބޮޑުކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މި ބަލިމަޑުކަމުގެ ސަބަބުން، އުފެއްދުންތެރިކަން ކުރިއެރުވުމަށް ކޮންމެ މުވައްޒަފަކު މޭޒުދޮށުގައި ތިބެންނުޖެހި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެމަސައްކަތްތައް ކުރެވޭނެކަން އެނގިގެން ހިނގައްޖެކަން ފާހަގަ ކުރެއްވިއެވެ.
ހަމައެހެންމެ ކޮވިޑްގެ ޙާލަތުން ޢާންމު ޙާލަތަކަށް ރުޖޫޢަވަމުންދާއިރު، މުވައްޒަފުންގެ ޖިސްމާނީ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ފަދައިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ވެސް އެހާމެ މުހިންމުކަން ދޭންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މި ސަރުކާރުން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި މަތީ ތަޢުލީމަށް ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާ ހިލޭ އެހީތަކާއި، ސްކޮލަރޝިޕްތަކާއި، ލޯނުގެ ފުރުޞަތުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ހަމައެކަނި ރަނގަޅު ފެންވަރުގެ ތަޢުލީމު ލިބުމުން ފުއްދާލެވެން ނެތްކަންފާހަގަކުރައްވައި ވަޒީފާގެ މާހައުލުގައި ޒުވާން މަސައްކަތްތެރިންނަށް ހިންގުންތެރިކަމާއި، ފަންނީ ހުނަރުތައް ކުރިއެރުވުމުގެ ފުރުސަތުތައް ފަހިވެފައި އޮތުމަކީވެސް އެހާމެ ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ.
