އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާއި ދިމާކޮށް، އޯގަސްޓް މަހުގައި ބާއްވާ މަސް ރޭހަށް ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
އުރީދޫއަށް 18 އަހަރު ވާނީ، އަންނަ އޯގަސްޓު މަހުގެ އެއްވަނަ ދުވަހުއެވެ.
އެސްއެސްޓީވީގެ ”އަދާހަމަ“ ޝޯގައި ވާހަކަ ދައްކަވަމުން އުރީދޫގެ އެސިސްޓެންޓް މެނޭޖަރ(ޕީ.އާރް) ނާއިފާ ޖިހާދު ވިދާޅުވީ، މި ފަހަރުގެ މަސް ރޭސް، ރާއްޖޭގެ ހަތަރު ސިޓީގައި ބާއްވާއިރު، މި ރޭހުގައި މާލެއިން 33 ޓީމް، ހދ.ކުޅުދުއްފުށި ސިޓީން 23 ޓީމު ބައިވެރިވާ ކަމަށެވެ.
”ދެން އައްޑޫ ސިޓީ އާއި، ފުވައްމުލައް ސިޓީން ވެސް، ހަމަ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ ވަނީ.“
މި ފަހަރުގެ މަސް ރޭހުގައި 83 ޓީމެއް ބައިވެރިވާ ކަމަށް ނާއިފާ ވިދާޅުވިއެވެ. މަސް ރޭސް އޮންނާނީ އޯގަސްޓު މަހުގެ ކޮންމެ ހުކުރު ދުވަހެއްގައެވެ. ޓީމުތައް މަހަށް ފުރާނީ، ހުކުރަށް ފަހު، 2:30ގައެވެ.
ނާއިފާ ވިދާޅުވި ގޮތުގައި، ފިޝަރީޒް މިނިސްޓްރީ އާއި ގުޅިގެން ކުރިއަށް ގެންދާ މި މަސް ރޭސްގެ ޖަޖުންނަކީ ވެސް، ކަމުގެ ތަޖުރިބާ ހުރި ބޭފުޅުން ކަމަށެވެ.
”މާކްސް ދިނުމުގައި އިންނާނެ، ކެޓެގެރީތަކެއް ކަނޑައެޅިފަ. މި ކެޓެގެރީތަކުން ބާނާ މަހުން، ޕޮއިންޓްސް ލިބިގެން، މި ހޮވެނީ.“
އެންމެ ފުރަތަމަ މަސް ރޭސް އޮންނާނީ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު މާލެ ސިޓީގައެވެ. އެއަށްފަހު، ކޮންމެ ހުކުރު ދުވަހެއްގައި، އައްޑޫ، ކުޅުދުއްފުށި، އަދި ފުވައްމުލައް ސިޓީގައި ރޭސް ކުރިއަށް ދާނެއެވެ.
އުރީދޫން މީގެ ކުރިން، ރޯދަ މަހުގައި ބާއްވަމުން އައި މަސް ރޭސް، މި ފަހަރު އަހަރީ ދުވަސް އަންނަ މަހުގައި ބާާއްވަން ނިންމީ، އެކުންފުނީގެ 18 އަހަރީ ދުވަސް ޚާއްސަ ވުމުންނެވެ.
