ރާއްޖެއަށް އަރަމުންދާ އުދައިގެ ސަބަބުން ގިނަ ރަށްތަކެއްގައި ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، އެމް.އެން.ޑީ.އެފް އާއި އެން.ޑީ.އެމް.އޭ ގެ އަވަސް އެހީތެރިކަން އެރަށްތަކަށް ފޯރުކޮށްދިނުމަށް އިދިކޮޅުން އިލްތިމާސް ކޮށްފިއެވެ.

Ads by Asuru

އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ،  އެކި ހިސާބަށް ބަރަށް ބޮޑަށް އުދައަރާ، ގިނަ ރަށްތަކެއްގައި ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމުގެ ޚަބަރު، ހާސްކަމާއި ކަންބޮޑުވުމާއި ބިރުވެރިކަމުގައި ތިބި ގިނަ ރައްޔިތުންތަކެއްގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ.

އަދި މިކަމުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅާ، އެމް.އެން.ޑީ.އެފް އާއި އެން.ޑީ.އެމް.އޭ މެދުވެރިކޮށް އެރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށްވެސް ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ އާއި ބައެއް އަތޮޅުތަކުގައި ގިނަ ރައްޔިތުންތަކެއްގެ ގެދޮރާއި މުދަލަށް ލިބެމުންދާ ގެއްލުމުގައި ކަމާބެހޭ މުޢައްސަސާތަކުން އަވަސް ފިޔަވަޅުތަކެއް އެޅުން ވަރަށް މުހިންމެވެ

އިިދިކޮޅުގެ ބަޔާނުގައި ވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ފިޔަވަޅުއެޅުން ލަސްނުކުރުމަށާއި، މިކަމުގައި ގެއްލުންލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަން މިދަނޑިވަޅުގައި ހަނދާންކޮށްދޭ ކަމަށް ބުނެފައެވެ.

އަދި މިފަދަ ކަންކަމުގައި ވޭތުވެދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި ފިޔަވަޅު އެޅިފައިހުރީ ވަގުތު ފާއިތުވުމަށް ފަހުގައި ކަމުން، ސަރުކާރުގެ ހިންގުމުގައި ހުރި މިފަދަ އުނިކަންތައްތައް ޙައްލުކޮށް، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ވަގުތުން އެތަންތަނަށް ކަމާބެހޭ ފަރާތްތައް ފޮނުވައިގެން ޙާލަތު ބެލުމާއި އެކު، ރައްކާތެރިކަމުގެ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.