މާލޭގެ މަގު ހެދުމުގެ މަޝްރޫއު މާލެ ސިޓީ ކައުންސިލުން އަތުލީ ލާމަރުކަޒީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

 

މޭޔަރު މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ މާލޭގެ އަމީނީ މަގު ހެދުން ވަކި މަޝްރޫއެއްގެ ގޮތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލު ކުރުމާ ގުޅިގެންނެވެ.

އަމީނީ މަގުގައި ތާރު އަޅައިގެން އެ މަގު ހެދުމަށް ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އާރްޑީސީއާ އިއްޔެ ހަވާލުކުރީ 84.4 މިލިއަން ރުފިޔާ އަށެވެ.

މިކަމާ ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވެފައިވަނީ މަގު ހެދުމުގެ މަޝްރޫއުއަށް ސަރުކާރާ ވާހަކަދައްކައިގެން ބައެއް ބަދަލުތައް ގެނެސް އަލުން އެއްބަސްވުން ހަދާފައި ވަނިކޮށް ސިޓީ ކައުންސިލަށް އެ މަސައްކަތް ނުވީ ކަމަށް ނިންމާ، މާލޭގެ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލުން ނެގުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން އެ ކައުންސިލަށް އަންގާފައި ވަނިކޮށެވެ.

މޭޔަރު ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލުން އަތުލުމަށްފަހު ސަރުކާރަށް ނެގިއިރު މަގު ހެދުމުގެ މަސައްކަތް ފެށުން އަވަސްކުރުމަށް ކަމާ ގުޅޭ އިދާރާތަކާ އެކު ގިނަ ބައްދަލުވުންތަކެއް ބޭއްވި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތެއް ސަރުކާރުން ފަހިކޮށްދީފައި ނުވާ ކަމުގައިވެސް ވިދާޅުވިއެވެ.