ފައިލޭރިއާއިން ރައްކާތެރި ވުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ޚާއްޞަ ކެމްޕެއިން “ފައިލޭރިއާއިންރައްކާ” ގެ ދަށުން ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް އާބަންކޯއިން  ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

އެ ކުންފުނިން، މި މަސައްކަތް ފަށައިފައި ވަނީ އިއްޔެއެވެ.

އާބަންކޯ އިން ބުނީ ފޮގް ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކެއްގައި ކަމަށެވެ.

ހުޅުމާލެ ފޮގް ކުރުމަށް 20 ސަރަހައްދަކަށް ބަހައިލައިފައިވެއެވެ.

ފޮގް ކުރުން ކުރިއަށް ގެންދަނީ ކޮންމެ ދުވަހަކުވެސް ފަތިހު 5:00 – 6:00 އަށް، އަދި އިރު އޮއްސި 6:00 – 7:00 އަށް ކަމަށް އާބަންކޯއިން ބުނެއެވެ.

މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މަގުމަތީގައި އުޅޭ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ހުޅުމާލެއިން މަދިރި މަދުކުރުމަށް މީގެ ކުރިން ވެސް އާބަންކޯއިން އިސްނަގައިގެން ފޮގް ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.