އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އައު ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުން ލަސްކުރަމުންދާތީ، މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދުގެ ލީޑަރޝިޕްގައި ހިންގާ އެމްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރާ މެންބަރުންނަށް ރުހުން ދިނުމަކީ މަޖިލީހުގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި، އެ ބޭފުޅުންނަށް ރުހުން ނުދީ މިހައި ލަސްވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ވަޒީރުންނަކީ ދައުލަތް ހިންގުމުގެ އާއްމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސަށް މަޝްވަރާ ދިނުމާއި އެހީތެރިވެދިނުމާއި ޤަަނޫނުއަސާސީއާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސިޔާސަތުތައް ކަނޑައަޅާ ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރާ ބައެއް ކަމަށްވުމާއިއެކު، ވަޒީރުންނަށް ރުހުން ނުދީ ލަސް ކުރުމަކީ ރައްްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.
ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިވާ ސަރުކާރަކަށް ދަތިވާ ގޮތަށް ދައުލަތުގެ އެއްވެސް ބާރަކުން އަމަލު ކުރުން ބަލައިނުގަނެވޭ ކަމަށް ވެސ އެމްޑީއޭ އިން ބުނެއެވެ.
މާދަމާއަށް މި އަހަރުގެ މަޖިލީހުގެ ފަހު ޖަލްސާ ވަނީ އެޖެންޑާކޮށްފައެވެ.
ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފަހު ދައުރު މާދަމާ ނިންމާލައި މެމްބަރުން ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މަސައްކަތް ”ޕާކް“ ކުރުމަށް ފަހުއެވެ. މިއީ ވަޒީރުންނަށް ރުހުން ނުދީ، މިހައި ލަސް ކުރާ ފުރަތަމަ ފަހަރެވެ.
