ސްކޫލު ބަންދު އަދި އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ އާއި ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށް ދަތުރުކުރާ އޮޑިދޯނިފަހަރާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިހުން ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.
ފުލުހުން ބުނީ މި ހަރަކާތުގައި މާލެއިން މުދާ ބަރުކޮށް އަތޮޅުތަކަށް ފުރުމަށް ތައްޔާރުވަމުންދާ އޮޑިދޯނިފަހަރާއި އެހެން އަތޮޅުތަކުން މާލެ އަންނަ އޮޑިދޯނިފަހަރާއި ބޯޓުތައް ބަލައިފާސްކޮށް، އެއުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންގެންދާނެ ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ފުރުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި ކަނޑު ދަތުރު ފަތުރުކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަަކަށް އަހުލުވެރިވެ އެކަންކަން ތަންފީޒުކުރުމުގައި އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ މުހިއްމު ކަމާބެހޭ ގޮތުންވެސް މައުލޫމާތު ދެމުންގެންދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
ރައްޔިތުން ހަވާލުކުރާ މުދާ ރައްކާތެރިކަމާއެކު އެތަކެތި ގެންދަންޖެހޭ މަންޒިލާ ހަމައަށް ގެންދިއުމުގައި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހުރުން ކޮންމެހެން މުހިއްމުކަން ވެސް މި ހަރަކާތުގެ ތެރެއިން ފާހަގަކޮށް، އުޅަނދުތަކަށް ޕަސެންޖަރުން އަރުވާފައިވަނީ އެކަށީގެންވާ އަދަދަކަށްތޯ ވެސް ފުލުހުން ބަލަމުންދާނެއެވެ.
