ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ އަދި ހަފްތާ 14ގެ ޕްލޭންގައިވާ ގޮތަށް މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލިސް އިފްތިތާޙު ކޮށްފިއެވެ.

އިއްޔެ އިފްތިތާޙު ކުރި މި ޤައުމީ މަޖިލީހަކީ މެދުނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުންނެވެ.

އެ މަޖިލިސް އިފްތިތާޙު ކުރުމަށް އިއްޔެ އިސްލާމީ މަރުކަޒުގައި ކުރިއަށް ދިޔަ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ދިވެހި ބަހާއި ތާރީހާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.

މި ހަފްލާގައި ވަނީ މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލީހުގެ ލޯގޯއާއި ކުލަ ދައްކާލާފައެވެ.

މި ހަފްލާގައި މިނިސްޓަރު އާދަމް ނަސީރު ވަނީ މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލީހެއް އޮތުމުގެ މުހިއްމު ކަމާއި މިސްކިތްތަކުގެ މަތިވެރިކަން ފާހަގަކުރައްވާފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް އެކުލަވައިލުމަށް ކުރެވުނު މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވައި، މިފަދަ މަޖިލީހެއް އެކުލަވާލުމަށް މަސައްކަތް ކުރެއްވި ހުރިހައި ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ.