ރާއްޖެ ކައިރި ސަރަހައްދަކަށް ހަތަރު ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުންތައް އައިސްފައި ވަނީ، ރާއްޖޭގެ ދެކުނުން 900 އެއްހައި ކިލޯމީޓަރު ދުރުންނެވެ.
މި ހަތަރު ބިންހެލުމާއި ގުޅޭ މަޢުލޫމާތު ހާމަ ކުރަމުން، މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނި ގޮތުގައި ރޭ މެންދަމުން ފެށިގެން ހެދުނާއި ދޭތެރޭ، ކާލްސްބާގް/ މިޑް އިންޑިއަން ރިޖަށް ހަތަރު ބިންހެލުން އައިސްފައިވެއެވެ.
މި ބިންހެލުންތަކުގެ ތެރެއިން، އެންމެ ބާރުގަދައީ 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ހެލުމެކެވެ.
ރޭ މެންދަމުން ފެށިގެން ހެދުނާއި ދޭތެރޭ، ކާލްސްބާގް/ މިޑް އިންޑިއަން ރިޖަށް 4 ބިންހެލުން އައިސްފައިވޭ. އެންމެ ބާރުގަދައީ 5.5. މި ބިންހެލުން ތަކާއި 900 އެއްހާ ކިލޯމިޓަދުރުން އައްޑޫ ސީޓީ އަށް ބިންހެލުން/ސުނާމީގެ އަސަރު ނުކުރޭ pic.twitter.com/M1jGZfNXMr
— Maldives Meteorology (@MetMaldives) December 29, 2023
މެޓް އޮފީހުން ބުނި ގޮތުގައި މި ބިންހެލުންތަކާއި 900 އެއްހާ ކިލޯމީޓަރު ދުރުން އައްޑޫ ސީޓީ އަށް ބިންހެލުމެއް އަދި ސުނާމީގެ އަސަރެއް ވެސް ނުކުރާ ކަމަށެވެ.
ތާރީޚުގައި ވެސް ރާއްޖެއަށް ސުނާމީގެ އަސަރެއް ކޮށްފައި ވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބާރު ގަދަ ބިންހެލުމަކާއިއެކު، އެ ދުވަހު ހެނދުނު ރާއްޖެއަށް އެރި ސުނާމީގައި 106މީހަކު ނިޔާވިއެވެ. މި ސުނާމީގައި ދެކުނު އޭޝިއާގެ ޤައުމުތަކަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ.
