އައު ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް،ނަންފުޅުތައް ދިރާސާ ކުރެއްވި ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
ވަޒީރުންނަށް ރުހުން ނުދީ، މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނިކޮށް މިއަދު ބޭއްވި ކޮމިޓީގައި ވަނީ ވަޒީރުންނަށް ރުހުން އޮތްތޯ ޖުމްލަކޮށް ވޯޓަށް އަހާފައެވެ. އެގޮތަށް ހުށައެޅުއްވީ އެމްއެންޕީގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒެވެ. އެ ހުށައެޅުމަށް ތާޢިދުކުރެއްވީ ދަ ޑިމޮކްރެޓްސްގެ އަޙްމަދު ރަޝީދެވެ.
ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ފާސްވީ ޙާޒިރުވެވަޑައިގެންނެވި 10 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
ކޮމިޓީގެ މުޤައްރިރު އިއުލާންކުރެއްވީ 5 މެންބަރުންގެ އަޣްލަބިއްޔަތުން ހުރިހާ ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ފާސްވެފައިވާކަމަށެވެ.
އެ ހުށައެޅުމަށް އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވާފައި ނުވާއިރު، އެ ޕާޓީން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.
މި ދައުރުގެ މަސައްކަތްތައް ނިންމާ މަޖިލިސް ޗުއްޓީއަށް ދިޔައިރު އަދިވެސް ވަޒީރުންނަށް ރުހުން ދިނުން އޮތީ ކޮމިޓީ މަރުހަލާގައެވެ.
