އެންމެ ވެލިފުކެއް ވެސް އުނި ނުކޮށް، އިތުރު ފުރިހަމަ ކަމާއިއެކު ހުޅުމާލެއިން ގޯތި ދޫކުރެވޭނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ހުޅުމާލޭގެ ތިން ވަނަ ފޭސް ހިއްކުމުގެ މަސައްކަތް، ކުރީ ސަރުކާރުން ފެށީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ ދިމާކޮށެވެ. އޭރު އެންމެ ވާދަވެރި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅަކީ ސަރުކާރުން އެއްވެސް މީހަކަށް ދީފައިވާ ގޯއްޗެއް ނުވަތަ ފްލެޓެއް އަތު ނުލާނެކަމުގެ ވަޢުދުފުޅެވެ. އެމަނިކުފާނު ވިދާޅުވީ، އެ މީހަކަށް ގޯތި ލިބުނު ތަނަކުން، އެމީހެއްގެ ގޯތި ކަށަވަރު ވެގެންދާނެ ކަމަށެވެ.

އާބަންކޯގެ އެމްޑީ ފަޒުލް މިއަދު ވިދާޅުވީ ހުޅުމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، އެ ތަނުން ގޯތި ލިބުނު ފަރާތްތަކަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވި ފަދައިން ގޯތި ލިބިގެންދާނެ ކަމަށެވެ.

”ވެލި ފުކެއްގެ މިންވަރު ވެސް އުނި ނުކޮށް، އިތުރަށް ފުރިހަމަކޮށް ލިބިގެންދާނެ.“ ފަޒުލް ވިދާޅުވިއެވެ.

މި ސަރުކާރުން ޕްލޭން ކޮށްފައި ވަނީ ސަރުކާރުން ޤާއިމްކުރާ ޚާއްޞަ ފަންޑެއް މެދުވެރިކޮށް ބިމުގައި ގެދޮރު އިމާރާތްކޮށް ދިނުމަށެވެ.

ކެމްޕެއިން ތެރޭގައި ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުން އެކަމަށް ޤާއިމު ކުރާ ފަންޑުން ހޭދަކުރާ ފައިސާ އަނބުރާ ހޯދާނީ ގެދޮރު އިމާރާތްކޮށް ނިމުމުން ފައިސާ ދެއްކޭނެ ނިޒާމެއްގެ ތެރެއިން ކަމަށެވެ. ގެދޮރު އިމާރާތްކޮށް ނިމުމުން ގިނަ މީހުންނަށް ބޭންކްތަކުން ލޯނު ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ގެދޮރުވެރިކަމުގެ ލޯނުގެ އިންޓްރެސްޓް ފަސް ޕަސެންޓަށް ދަށްކުރުމާއި ލުއި ލޯނު ދިނުމަށް ވެސް ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވައިފައެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަކީ ރައީސް ޑރ.މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. ހުރިހައި ރައްޔިތުން ގެދޮރުވެރި ކުރުވުމަށް މި ސަރުކާރުން ފެއްޓެވި އެންމެ ބިޔަ މަޝްރޫޢު އަކީ ރަސްމާލެ މަޝްރޫޢުއެވެ.