މާލެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ގެއްލުންވި ގެތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ޒިޔާރަތް ކުރައްވައިފިއެވެ.
ރެއިން ފެށިގެން މާލެއަށް ވެހުމުންދާ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ވަނީ ގެތަކަށާއި ފިހާރަތަކަށް ފެންވަދެ ގެއްލުންތަކެއްވެފައެވެ. ރައީސް ވަނީ އެންމެ ބޮޑަށް ގެއްލުންވި ގެތަކަށް މިއަދު ހަވީރު ޒިޔާރަތް ކުރައްވައި، އެ ގެތަކުގައި ދިރިއުޅޭ މީހުންގެ ޙާލު ބައްލާލައްވައިފައެވެ.
މި ޒިޔާރަތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ވިއްސާރައިގައި މާލޭގައި ފެންބޮޑުވި ސަރަހައްދުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.
މަގުތަކުގައި ފެންބޮޑުވެފައި ވާތީ ބާރަށް ވެހިކަލް ނުދުއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރައިގައި ބުރިޖު އަދި ހައިވޭގައި ފެންބޮޑުވެ، ވަޔާއި ވެއްޔާއެކު ކުނި ހުރުމާއެކު ބުރިޖު އަދި ހައިވޭ ބޭނުންކުރައްވާ ފަރާތްތައް އެކަމުގައި ސަމާލުވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
އަދި އަދި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
