މި ފެށިގެން ދިޔަ އައު އަހަރުގައި ދިވެހިރާއްޖެއާއި އެހެން ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން ބަދަހިވެ، އެއް ޤައުމުން އަނެއް ޤައުމަށް ދޭ އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ، ބޭރު ޤައުމުތަކުގެ ވެރީންނަށް ފޮނުއްވެވި މެސެޖުގައެވެ.

ރަޙްމަތްތެރި ޤައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި މެސެޖުގައި، އައު އަހަރުގެ މުނާސަބަތުގައި އެ ޤައުމުތަކުގެ ވެރިންނަށާއި، އެޤައުމުތަކުގެ ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ކޮންމެ ޤައުމެއްގެ ރައްޔިތުންނަށްވެސް މިފެށޭ އާ އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި ކާމިޔާބު އަހަރަކަށް ވުމަށް އުންމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ހަމަ އެއާއެކު، މި ފެށިގެންދިޔަ އައު އަހަރު، އެ ޤައުމުތަކާއި ދިވެހިރާއްޖެއާ އޮތް ގުޅުން އިތުރަށް ބަދަހިވެ، އެއްޤައުމުން އަނެއް ޤައުމަށްދޭ އެއްބާރުލުން އިތުރުވެގެންދިއުމަށް، އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ‌‌‏ރައީސް ވަނީ އައު އަހަރުގެ ތަހުނިޔާގެ މެސެޖު ދުނިޔޭގެ ބޮޑެތި ޖަމުޢިއްޔާތަކުގެ ވެރިންނަށް ވެސް ފޮނުއްވައިފައެވެ.

އެގޮތުން ޔުނައިޓެޑް ނޭޝަންސް(އ.ދ)، ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)، އަދި ކޮމަންވެލްތް ފަދަ ޖަމުޢިއްޔާތަކުގެ ވެރިންނަށް ވެސް އެމަނިކުފާނު ވަނީ އައު އަހަރުގެ ތަހުނިޔާ މެސެޖު ފޮނުއްވައިފައެވެ.

ރައީސް މުޢިއްޒު ވަކިވަކިން ފޮނުއްވި މެސެޖުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށާއި، ދުނިޔޭގެ ހާލަތު ރަނގަޅުކުރުމަށް އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.