އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދައަށް އެދި 100 ޒުވާނުން ކުރިމަތިލާފައިވާ ކަމަށާއި އަންނަ ހަފުތާގައި އެ ޒުވާނުންގެ އިންޓަވިއު ކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޒުވާން އިމާމުންނާއި ޚަތީބުންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ގްރޭޑް 10،11،12 ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ނިންމީ މިދިޔަ ޑިސެމްބަރުމަހުގައެވެ.

މިނިސްޓަރު ޝަހީމު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަމަށް ކުރިމަތިލި ޒުވާނުންގެ އިންޓަވިއު އަންނަ ހަފުތާގައި ފަށައި، ފިޤުޙީ ތަމްރީނުތަކެއް ދޭނެ ކަމަށެވެ.

އެއަށްފަހު އެ ޒުވާނުން މިންވަރުތަކުން ފެނިގެންދާނެ ކަމަށާއި ރޯދަ މަހުގެ ކުރިން އެ ހުރިހައި ކަމެއް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިމާމުކަމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ޒުވާނުންނާ އިންޓަވިއު ކުރަން ހަމަޖެހިފައިވަނީ މާލޭގައި ނަމަ އެ މިނިސްޓްރީއަށް ހާޒިރުކޮށްގެން އަދި ރަށެއްގައި ނަމަ އޮންލައިންކޮށެވެ.

އެއަށްފަހު ހުއްދަ ދޭ ޒުވާނުންނަށް ޚާއްޞަ ތަމްރީނެއް ދޭނެއެވެ.

މަތީ ސާނަވީ ތަޢުލީމު ޙާސިލު ކުރާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމަށް ފުރުޞަތު ދިނުމަށް ސަރުކާރުން ނިންމި ނިންމުމަށް ގިނަ ބަޔަކު ތަޢުރީފު ކުރިއެވެ.