އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދު މުހިންމު ނުވާ ކަމަށާއި، މުހިންމީ އެ ސިފައިން އަނބުރާ ޤައުމަށް ފޮނުވައިލުން ކަމަށް  ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިގޮތަށް ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައެވެ.

އިންޑިއާ ސިފައިން ތިބި އަދަދާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން، ކުރީގެ ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ އެންމެ ފަހުން ލިބުނު މަޢުލޫމާތަށް ބަލާއިރު، ރާއްޖޭގައި 88 އިންޑިއާ ސިފައިން ތިބިކަން އެނގޭ ކަމަށެވެ.

”މީގަ މުހިންމީ (އިންޑިއާ ސިފައިން) ތިބި އަދަދަށްވުރެ، ތިބިއްޔާ ތިބި ބަޔަކު ފޮނުވައިލުމުގެ މަސައްކަތް އިންތިޒާމު ކުރެވިގެން ކުރިއަށްދާކަން ދިވެހި ރައްޔިތުންނަށް ކަށަވަރުވެގެން ދިޔުން. އެކަން ތާވަލު ކުރެވިފައި އޮތް ގޮތަށް މަޝްވަރާތަކާއިއެކު އެބަ ކުރިއަށް ގެންދެވޭ.“ ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ ރައީސުސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅަށްވާއިރު، މި މައްސަލައާއިމެދު ރައްޔިތުން ނާއުއްމީދުވެނުލެއްވުމަށް ސަރުކާރުން އެދިވަޑައިގަންނަވާކަން ނާޒިމް ފާހަގަހަގަކުރެއްވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަށް ސަރުކާރުން ވަނީ ރަސްމީކޮށް އިންޑިއާގެ ސަރުކާރަށް ދަންނަވައިފައެވެ.