ގެދޮރުވެރިޔާ ސްކީމްގެ ދަށުން، މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތީގެ ރަޖިސްޓަރީ އާއި ބިން ހަވާލުކުރުމުގެ މަސައްކަތް އިއްޔެ އަލުން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ގެޒެޓު ކޮށްފައިވާ އިއުލާނެއްގައި ވަނީ، ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ހާޒިރުވާނެ ތާރީޚާއި ގަޑިއާއި ތަން ފޯނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަންގާނެ ކަމަށް ބުނެފައެވެ.

މިހައިތަނަށް ހަވާލުކޮށްފައިވާ ގޯތީގެ ރަޖިސްޓަރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަ ކުރެވޭނަމަ ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުން އެކަން އިސްލާހުކުރާނެ ކަމަށް ވެސް އެ އިޢުލާނުގައިވެއެވެ.

މިދިޔަ އަންގާރަ ދުވަހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަންނަ ހަފުތާގެ ތެރޭގައި ގޯއްޗާއި ފްލެޓްވެރިންނަށް ރަޖިސްޓްރީ ހަދައިދީ ނިންމުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން، އެތަންތަން ހިއްކުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ.

މީގެއިތުރުން، ގުޅީފަޅާއި ގިރާވަރު ފަޅުން އިތުރަށް ބިން ހިއްކުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ގޯތި ދިން މީހުންގެ އަތުން އެ ތަންތަން އަތު ނުލާނެކަމުގެ ޔަޤީންކަން، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރައީސް ދެއްވިއެވެ.