ޖޮއިންޓް ވެންޗަރ އުސޫލުން، ރާއްޖޭގައި 3000 ހައުސިން ޔުނިޓް ތަރައްޤީ ކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފްރޭމްވޯރކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ އެއްބަސްވުމުގައި ސޮއި ކުރި މި މަޝްރޫޢު ކުރިއަށްގެންދާނީ، ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓަޑާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑްއާ ގުޅިގެންނެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލެވެ.

އަދި ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރީ ރާއްޖޭގެ ރިޕްރެޒެންޓޭޓިވް ކަމަށްވާ އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޙުސައިނެވެ.

އެފްޑީސީއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން 3000 ސޯޝަލް ހައުސިން ޔުނިޓް ޑިޒައިން ކުރުމާއި ފައިނޭންސް ކުރުމާއި އިމާރާތްކުރުމުގެ މަސައްކަތްކުރާނީ ހަވާލުކުރެވިފައިވާ ޖޮއިންޓް ވެންޗާރއިން ކަމަށެވެ.

އަދި މި މަޝްރޫޢު ކުރިޔަށްގެންދާނެ ސަރަހައްދެއް ކަނޑައަޅާނީ އެ ކޯޕަރޭޝަނާއި ސަރުކާރުން ކަނޑައަޅާ ހިސާބުތަކެއްގައި ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.