އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމަކީ ”ރައްޔިތުންގެ ޓީމު“ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ، ރައީސް މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އިފުތިތާޙް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީީސްގެ އަރިހުގައި މަސައްކަތް ކުރައްވަނީ ވަރަށް ހީވާގި ޓީމެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އެއީ ދިވެހި ޤައުމު ދެކެ ފަޚުރުވެރިވާ ބައެއް ކަމަށާއި، ދިވެހި ރައްޔިތުންނަށް އެންމެ ފައިދާއާއި ލާބަހުރި ކަންކަމަކީ ސަރުކާރުން އިސްކުރާނެ ކަންކަން ކަމުގައި ވިދާޅުވެފައެވެ.

 

”އަޅުގަނޑަކީ އަދި އަޅުގަނޑުމެންގެ ޓީމަކީ، ރައްޔިތުންގެ ޓީމު. ރައްޔިތުންގެ ޚާދިމެއް އަޅުގަނޑަކީ. ރައްޔިތުން އަޅުގަނޑާ މަސައްކަތް ހަވާލުކުރީ. ޒިންމާ ހަވާލުކުރީ. މި ބުރަ ޒިންމާ، މި ބޮޑު އަމާނާތް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި ރައްޔިތުންނަށް އަދާކުރުމަށްވުރެ އުފާވާ، ހިތްހަމަޖެހޭ ކަމެއް އަޅުގަނޑަކަށް ނެތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުޅި ސަރުކާރުގެ މި ޓީމު، މުޅި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ތިބި ހުރިހާ ބޭފުޅުންނާއި، ވިޔަފާރިވެރިންނާއި، އަމިއްލަ ފަރާތްތަކާއި އަދި މުޅި ދައުލަތުގެ ހުރިހާ އެންމެންގެ އެކުވެރިކަމާ އެކީގައި، ރައްޔިތުންނަށް ފައިދާހުރި ކަންކަން އަޅުގަނޑުމެން ކޮށްދޭނަން.“ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، މިއަދު ބޭނުންވަނީ ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭގޮތަށް ކަންތައްތަކެއް ފަހިކުރުމުގައި އެންމެން އެކައްޗެއް ކިޔުމެވެ. އޭރުން ޤައުމު އެދޭ ގޮތަށް ކަންކަން ބައްޓަން ވެގެންދާނެ ކަމަށް ރައީީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ ދިވެހި ރައްޔިތުންނަށްޓަކައި، މުހިންމު ނިންމެވުންތައް ނިންމެވުމަށާއި، ސަރުކާރުގެ އެންމެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ފުއްދުމަށްޓަކައި ވެސް ކެބިނެޓުގެ ވަރަަށް ދިގު ބައްދަލުވުންތައް ބާއްވަވަމުންދާކަން ފާހަގަކުރައްވައިފައެވެ.