ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްޓަކައި ގެދޮރުވެރިކަމުގެ ޚާއްޞަ ކެޓަގަރީއެއް އުފެއްދުމުގެ މަޝްވަރާތައް އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަދި އިކޮނޮމިކް ޒޯން ތަރައްޤީ ކުރުމުގެ މަޝްރޫޢު އިފްތިތާޙު ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތްތެރިން އެންމެ ބޮޑަށް އެދުނު ކަންކަން ތަރުތީބު ކުރެވިފައި އޮތް ގޮތަށް ކޮށްދެއްވާނެކަން ފާހަގަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިން އެންމެ ބޮޑަށް ބޭނުންވަނީ އެފަރާތްތަކަށް ޚާއްޞަ ގެދޮރުވެރިކަމުގެ ކެޓަގަރީއެއް ޤާއިމްކުރުން ކަމަށެވެ.
އެއީ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ މުވައްޒަފުން އެންމެ ބޮޑަށް އެދޭ އެއް ކަންތައް ކަމަށާއި، އެފަދަ ކޮންމެ ކަމެއްވެސް އަމާނަތްތެރިކަމާއި، ތެރުވެރިކަމާއެކީގައި ރައްޔިތުންނަށްޓަކައި ފުއްދައިދެމުން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފަތުރުވެރިކަން ފުޅާކުރުމަށްޓަކާ ވައިޑް ބޮޑީޑް އެއަރކްރާފްޓް ގެނެސް މުހިންމު މަންޒިލްތަކަށް އުދުހުންތައް އިތުރުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަން ފުޅާކުރުމާއި އެރައިވަލް އިތުރުކުރުމަކީ އެންމެންވެސް ކުރަން ބޭނުންވާ މަސައްކަތް ކަމަށާއި، އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ.
އަދި ޤައުމީ އެއަރލައިން، އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަން މިއަދު ވަރަށް ހާލުގައި އޮތް ނަމަވެސް މި ކުރެވޭ މަސައްކަތުން ފަޚުރުވެރިކަމާ އެކީގައި ފައިދާވާ، ރައްޔިތުން އެދޭ ފަދަ ޚިދުމަތް ދޭ ތަނަކަށް ހައްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
