އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ އަރަބިއާ އަށް ފުރާވަޑައިގެންފިއެވެ.
މިއީ އެ ޤައުމުގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީޤް ބިން ފައުޒާން އަލް ރަބިއާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ޑރ. ޝަހީމް ވިދާޅުވީ މިއީ ޙައްޖު ކޮންފަރެންސްގައި ބައިވެރިވުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.
މި ދަތުރުގެ ތެރޭގައި ޙައްޖާއި ޢުމްރާގެ ހިދުމަތާއި ގުޅޭ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި އިސްލާމީ ބައެއް މުއައްސަސާތަކާ ވެސް ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
އޭގެ ތެރޭގައި އޯއައިސީ އާއި އެ ޖަމުޢިއްޔާގެ ދަށުން ހިނގާ ބައެއް މުއައްސަސާތައް ކަމަށްވާ އިންޓަރނޭޝަނަލް އިސްލާމިކް ފިގްހް އެކަޑެމީ އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި އިސްލާމިކް ސޮލިޑޭރިޓީ ފަންޑު ހިމެނޭ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޙައްޖު ކޮންފަރެންސްގައި ބައިވެރިވާ އިސްލާމީ ގައުމުތަކާއި މުވައްސަސާތަކުގެ ވެރިންނާ ވެސް ބައްދަލުކުރައްވާނެ ކަަމަށް ޝަހީމް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމާއި ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ދިވެހި ޙައްޖުވެރިންނާއި އުމްރާވެރިންނަށް ލިބޭ ހިދުމަތް މިހާރަށްވުރެ ފެންވަރު ރަނގަޅު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިރުޝާދު ދެއްވާފައި ކަމަށާއި އެހެންކަމުން މިކަންކަމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.