މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމުގެ ޕްލޭން ވަރަށް އަވަހަށް އިޢުލާނު ކުރައްވާނެ ކަމަށް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަވާ ޢައިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް މޭޔަރު ބަހުސްގައި ވާހަކަ ދައްކަވަމުން ޢާޒިމާ ވިދާޅުވީ މާލޭގެ ހުރިހައި މަގެއް އަލުން ހެދުމާއި އޭގެ އިތުރުން ފެންހިންދުމުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމާއި އަދި ކަރަންޓުގެ ކޭބަލްތަކަށް އަލުން ހޮޅި ވަޅުލާ، މުޅި މާލޭގެ ސަރަހައްދަށް އަލުން ބޮޑެތި ބަދަލުތައް މާލެ އަލުން ޑިވެލޮޕްކުރުމުގެ ޕްލޭންގައި ހިމެނިގެންދާނެ ކަމުގައެވެ.

އެކަމަނާ ވިދާޅުވީ ވިލިމާލޭގެ މަގުތައް ވެސް ހުރީ އެންމެ ފުރަތަމަ ގައު އަޅާފަ، ހެދި ގޮތަށް ކަމަށާއި، ވިލިމާލޭގެ މަގުތައް ވެސް އަލުން ހެދުމުގެ ޕްލޭނެއް އިއުލާންކުރާނެ ކަމުގައެވެ.

މާލޭގެ މަގުތައް ރީޑިވަލޮޕް ކުރުމަކީ އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭކަމެއް، އޭގެތެރޭގައި ފެން ހިންދުމުގެ ނިޒާމާ އަދި ނަރުދަމާއާ ހަމައެޔާއާއެކު މާލޭގައި އެކި ހިދުމަތްތަކުގައި ވަޅުލަމުންދާ ކަރަންޓާއި އެހެން ހިދުމަތްތަކަށް ބޭނުންވާ ހޮޅިތައް، އެކީ އެއްފަހަރާ ވަޅުލާ، މާލޭގެ ހުރިހާ މަގެއް ހެދުމުގެ ޕްލޭނެއް ވަރަށް އަވަހަށް އަޅުގަނޑުމެން އިއުލާން ކުރާނަން.

ކުރީގެ ބަންޑާރަ ނައިބު ޢާޒިމާ ވިދާޅުވީ މާލެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލު ގެނެވޭނީ މުޅިމާލެއަށް އެކީ އަމާޒު ކޮށްގެން ކަމަށެވެ.

މާލެއަކީ ދިރިއުޅެވޭ ތަނަކަށް ހެދޭނީ މުޅި މާލެ އެކީ އަލުން ޑިވެލޮޕްކުރުމުގެ ވިސްނުމެއް ގެންގުޅެގެން ކަމަށާއި އެ ހައްލު ހޯދާނީ މާލޭގެ ރައްޔިތުންގެ ވިސްނުމާއި ލަފާވެސް ހޯދައިގެން ކަމަށް ވެސް ޢާޒިމާ ވިދާޅުވިއެވެ.