އަމީނީ މަގުގެ ފަހު 2 ސެގްމަންޓްގެ ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ނިންމާލައިފިއެވެ.

އަމީނީމަގު ސެގްމެންޓް 12 އަދި 13 ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު މަހުގެ 09 ވަނަ ދުވަހުއެވެ. އެ ދެ ސެގްމަންޓްގައި އޭބީސީ ފަށަލައިގެ މަސައްކަތް ނިމި، އެމްސީ-30 (ބިޓުމެން ސްޕްރޭ) ޖެހުމަށްފަހު ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އަމީނީ މަގުގެ ފަހު ދެ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ވަނީ ނިންމާލާފައެވެ. މި މަސައްކަތް ނިންމައިލީ 28 ދުވަހުންނެވެ.

އާރްޑީސީން ބުނީ، އެ މަގުގެ ތާރު ހިކެން އަދި 4-3 ދުވަސް ނަގާނެ ކަމަށާއި އެ އަށް ފަހު މަގު ހުޅުވައި ރޯޑް ސައިންތައް ކުރެހުމުގެ މަސައްކަތް ވެސް ނިންމާލާނެ ކަމަށެވެ.

ތާރުއެޅުމުގެ މަސައްކަތް ނިންމާލާފައި ވީނަމަވެސް މަގު ހުޅުވާލެވޭނީ މިހަފުތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފުތާ ކުރީކޮޅު ކަމަށް މައުލޫމާތު ލިބެއެވެ.