ރާއްޖެ ސަރަހައްދުން ދަތުރުކުރި ޓޭންކަރުތަކަކަށް ހަމަލާދީފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިހެން ބުނީ، ރާއްޖެ ސަރަހައްދުން ދަތުރުކުރި އިސްރާއީލާއި ގުޅުން އޮތް ދެ ތެޔޮ ޓޭންކަރަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރާއި ގުޅިގެންނެވެ.

އެމްއެންޑީއެފުން ބުނީ މިފަދަ ހާދިސާއެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށާއި، މިހައިތަނަށް ބެލިބެލުމުން މިޚަބަރުގައިވާ ބައެއް މަޢުލޫމާތާއި ފޮޓޯއަކީ މިީގެ ކުރިން ރާއްޖެއާއި ދުރުން ހިނގާފައިވާ ހާދިސާތަކުގެ މަޢުލޫމާތާއި ފޮޓޯކަން އެނގިފައިވާކަމަށެވެ.

އަދި މިފަދަ ކަމެއް ހިންގިކަމުގެ އެއްވެސް އިންޑިކޭޝަނެއް ފެންނަން ނެތުމާއި، މަޢުލޫމާތު ހިއްސާ ކުރާ ސަރަހައްދީ އިދާރާތަކަށްވެސް އެފަދަ ރިޕޯޓެއް ލިބިފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާތީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދެއްގައި އެފަދަ ޙާދިސާއެއް ހިނގިކަމަށް ފަތުރާ ޚަބަރަކީ ޞައްޙަ ޚަބަރެއްނޫންކަމަށް ބެލެވޭ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އަދިވެސް މިކަން އިތުރަށް ބަލަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުންވަނީ ބުނެފައެވެ.