ރާއްޖެއާއި ދެކޮޅަށް އިންޑިއާގައި މިހާރު ކުރިއަށްދާ ”ބޮއިކޮޓް މޯލްޑިވްސް“ ކެމްޕެއިނާ ގުޅިގެން، އެ ޤައުމުގެ ފަތުރުވެރިން ރާއްޖެއަށް އަންނަން ހެދި ބުކިންތައް ކެންސަލް ކުރަމުންދާ ވާހަކަ އިންޑިގޯ އިން ދޮގުކޮށްފިއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަވާ ފުރަމާނަ ދަތުރުފުޅާއި ދިމާކޮށް ރާއްޖޭގެ ބަދަލުގައި އިންޑިއާގެ ލަކްޝަދީބަށް ޒިޔާރަތް ކުރަން ގޮވާލައި އިންޑިއާއިން މީސްމީޑިއާގައި ފަށާފައިވާ ކެމްޕޭނާ ގުޅިގެން، އެ ޤައުމުގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން ހަދާފައިވާ ގިނަ ބުކިންތައް ކެންސަލް ކުރަމުންދާ ކަމަށް ބުނެ އިންޑިއާގެ ބައެއް ނޫޫސްތަކުން ދަނީ ޚަބަރު ފަތުރަމުންނެވެ.

މި ވާހަކަތައް ދޮގު ކޮށްފައި ވަނީ އިންޑިއާގެ އެންމެ ބޮޑު ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާލައިން، އިންޑިގޯ އިންނެވެ.

އިންޑިގޯ އެއާލައިންގެ އިސް އޮފިޝަލަކާއި ހަވާލާދީ ”ވިއޯން“ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ޤައުމުން ރާއްޖެއަށް ހަދާފައިވާ ޓިކެޓް ބުކިންސް އާއި ހޮޓެލް ބުކިންސްތައް ކެންސަލް ކުރަމުން ނުދެއެވެ.

މި މަޢުލޫމާތު ހާމަކުރި އޮފިޝަލް ވަނީ އެކަމާއި ގުޅިގެން ބަޔާނެއް ނެރެން ޖެހިއްޖެ ޙާލަތެއްގައި ނެރޭނެ ކަމަށް ވެސް ބުނެފައެވެ.

އިންޑިގޯ އިން މިހެން ބުނެފައިވާއިރު، މިއަދު ވެސް އިންޑިއާގެ ފަތުރުވެރިންތަކެއް ރާއްޖެ އައިސްފައިވެއެވެ.