ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައްވުރަކީ ގުޅިގެން، އެކުގައި މަސައްކަތްކޮށް އަދި ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމުގެ ތަސައްވުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުކަން ފާހަގަކުރައްވައި، މި ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މި ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ޤައުމުގެ ސަރުކާރާއި އަދި ދެ ޤައުމު ހިއްސާވާ ވިޔަފާރިތަކާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުން ފާހަގަކުރައްވައި މި ފޯރަމުގައިވެސް ދިވެހިރާއްޖެއާއި ޗައިނާގެ ގިނަ ވިޔަފާރިތަކެއް ތަމްސީލު ވެގެންދާކަން އުފަލާއެކު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ކުރީގެ މެރިޓައިމް ސިލްކް ރޯޑް ޒަމާނުން ފެށިގެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ދަމަހައްޓަމުން އަންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
އަދި ޗައިނާއަކީ ރާއްޖެއާ އެންމެ ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ އެއް ޤައުމުގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދަވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން 2014 ވަނަ އަހަރު ބައިވެރިވެ، އޭގެ ނަތީޖާއެއްގެ ގޮތުން ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ރާއްޖެއަށް ފަހިވެގެން ދިޔަކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މައި އެއަރޕޯޓާއި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރެ ހާމަކުރައްވަމުން، އެ މަޝްރޫޢުތައް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިގެން ކުރިޔަށްގެންދެވޭނެ ގޮތްތައް ހޯއްދެވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޓް އެގްރިމެންޓުގެ މައްޗައް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެގެންދާނެކަމަށާއި، އަދި ޚާއްޞަކޮށް ރާއްޖެއިން މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ މިންވަރު އިތުރުވެގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެންމެ އިސްކަމެއް ދީގެން ހާޞިލްކުރަން ބޭނުންފުޅުވާކަމަކީވެސް މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.