ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ބެއިޖިންގގައި ހުންނަ ޗައިނީޒް ކޮމިއުނިސްޓް ޕާޓީ މިއުޒިމަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް ޑރ.މުޢިއްޒުގެ ދެކަނބަލުންގެ މިޒިޔާރަތުގައި މިއުޒިއަމުގެ ފަރާތުން އެ ދެކަނބަލުންނަށް ޗައިނާގެ ތާރީޚީ މުހިންމު ކަންކަމާއި ސަގާފަތާއި އަދި މިއުޒިއަމާ ބެހޭ ތަޢާރަފެއް އަރުވާފައިވެއެވެ. އަދި ރައީސްގެ ދެކަނބަލުން މިއުޒިއަމުގެ އެކި ތަންތަން ބައްލަވައިލެއްވިއެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއުޒިއަމަށް ވަޑައިގެން މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ.

މިފޮތުގައި ސޮއިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ލިއުއްވި މެސެޖުގައި، މިއުޒިއަމުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ދިގު ތާރީޚާއި ޕާޓީއަށް އައިސްފައިވާ މުހިންމު ކުރިއެރުންތައް ވަރަށް ތަފްސީލުކޮށް ފެންނަން ހުރިކަން ފާހަގަކުރެއްވިއެވެ.

އަދި ތާރީޚުގެ މި މުހިންމު ދުވަސްތައް ރައްކާތެރިކަމާއެކު ފެންނަން ހުންނާނެގޮތަށް ހެދުމަށް ކޮށްފައިވާ މަސައްކަތަކީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއްކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.