ވެރިރަށް މާލެއަށް ބޯކޮށް ވާރޭ ވެހެމުންދާތީ، އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ ލަފާ ކޮށްފައެވެ.

މެޓް އޮފީހުން ވަނީ މޫސުން ގޯސްވެ ކ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ މިރޭ އަށެއް ހުމާ ހަމައަށެވެ.

މެޓުން ވަނީ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އަދި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.