ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމުގެ ފުރުސަތު ޖެނުއަރީ 30 ވަނަ ދުވަހު ހުޅުވައިލުމަށް ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، ފުރުޞަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ތާވަލު ކޮށްފައިވަނީ 2024 ޖެނުއަރީ 30 އިން ފެބުރުއަރީ 14 ގެ ނިޔަލަށް ކަމަށެވެ.

މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައި ވަނީ މާޗް މަހުގެ 17 ގައެވެ. ރޯދަ މަހު އިންތިހާބު ބާއްވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެކަމާ ގުޅިގެން އީސީގެ ރައީސް ފުވާދް ތައުފީޤު ވިދާޅުވީ ރޯދަ މަހުގެ ކުރިން އިންތިޚާބު ބޭއްވުމަށް ޤާނޫނީ ހުރަސްތަކެއް ހުރި ކަމަށެވެ.

އަދި ރޯދަ މަހުގެ ފަހުން އިންތިޚާބު ބޭއްވުމަށް ދަތިވަނީ، ސްކޫލުތައް ލިބުމުގައި ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި 284،327 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ކަމަށް އީސީން ހާމަކޮށްފައިވެއެވެ.