ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ. އިންޓަރނޭޝަނަލް) އިން އެއްބާރުލުން ދޭނެ ކަމަށް ބުނެފިއެވެ.

ބީޔޫސީޖީގެ ރައީސް ޗާންގ ޔޮންގޗުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިއްޔެ އިޙުތިރާމުގެ ޒިޔާރަތެއް ވަނީ ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ރައީސްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގެ ސަބަބުން، ދެ ޤައުމުގެ ގުޅުންތައް އައު ހަރުފަތަކަށް ގެންދެވިއްޖެ ކަމުގައި ވިދާޅުވިއެވެ.

އަދި ރައީސް ވަނީ، އެމަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ޗައިނާއަށް ކުރެއްވުމަކީ އެމަނިކުފާނަށްވެސް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމުގައި ވިދާޅުވެފައެވެ. އަދި ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ދިވެހި ސަރުކާރަށް ވަރަށް މުހިންމު ގުޅުމެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ބީ.ޔޫ.ސީ.ޖީ. އިންޓަރނޭޝަނަލް އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މުހިންމު މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވިއެވެ.