ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވި މައްސަލާގައި ހައްޔަރުކޮށްފައި ހުއްޓާ ފިލްމީ ތަރި މުޙައްމަދު ޔުނާން ދޫކޮށްލަން ދަށު ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލު ކުރުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފިއެވެ.
ޝަރުޠުތަކެއް ކުރުމަށްފަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އޭނާ ދޫކޮށްލީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ދައުލަތުން އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ދަށު ކޯޓުގެ ޙުކުމް ބާތިލު ކޮށްފައެވެ.
ހައިކޯޓުގެ ޙުކުމްގައި ވަނީ ޔުނާން ދޫކޮށްލަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅި ޝަރުޠުތަކަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ފަދަ ޝަރުތުތަކެއް ނޫން ކަމަށްވެސް ނިންމާފައެވެ.
އެހެންކަމުން ޔުނާން ބަންދުކުރަން ދައުލަތުން ހުޅުމާލޭ ކޯޓުގައި އެދެފިނަމަ ހަތް ދުވަސް ތެރޭގައި އެކަމުގައި ގޮތެއް ނިންމުމަށްވެސް ހައިކޯޓުގެ ޙުކުމްގައިވެއެވެ.
ޔުނާން މިއަދު އަލުން ހައްޔަރުކުރީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.
ޔުނާން އަލުން ހައްޔަރުކުރުމަށް ދައުލަތުން ، ކުރިން އޭނާ ދޫކޮށްލަން ކުރި ޝަރުޠުތަކާ ޚިލާފަށް އަމަލުކޮށްފައިވާތީއެވެ.
ހުޅުމާލެ ކޯޓުން ޔުނާނަށް ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކޯޓުގެ ހުއްދަ ނެތި ފުރައިގެން އެއްވެސް ތަނަކަށް ނުދިއުމާއި، ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމާއި، ދިރިއުޅޭ ތަން ކޯޓަށް އެންގުމެވެ.
ނަމަވެސް އެ ޝަރުޠުތަކާއި ޚިލާފުވެ، އޭނާ ބޭރަށް ނުކުމެ އުޅެފައިވެއެވެ.
