ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރާ އާބަންކޯ އިން ބުނީ އޭރިއާ އީ ހިއްކުމުގެ މަސައްކަތް 25 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
އަދި އޭރިއާ އީ ގެ ދަށުން 5.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް އޭރިއާ އޭ، ބީ، އީ ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ އާބަންކޯ އާއި ޗައިނާގެ ހާރބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ތިލަފުށީގެ ބިންހިއްކައި ތަރައްޤީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުޞަތުތައް ހޯދައިދިނުމެވެ.
އާބަންކޯ އިން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މުހިއްމު މަޝްރޫޢުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށެވެ.
އާބަންކޯގެ މެނޭޖިން ޑައިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ ތިލަފުށި ބިން ހިއްކުމުގެ އޭރިއާ އީގެ މަސައްކަތް ފެށިއްޖެ ކަމަށާއި، މަސައްކަތް ކުރިއަށް ދާއިރު، ފަސޭހަ ނުވިޔަސް، އެކަން ނިމުމުން ފަސޭހަތައް ލިބިގެންދާ ކަމަށެވެ.
Thilafushi area E ge bin hihkumuge masaikai feshihje. Masaikatheh kurevemundhaa iru faseyhanuvi namaves, masaikai nimumun eh ge fonikan libigen dhey… 🙂 pic.twitter.com/HvhuuMAXWo
— Fazul Rashyd (@FaZuLRaShYd) January 11, 2024
ތިލަފުށި އޭރިއާ އީގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ބޯޓުޔާރޑް، ހިލަ އަދި ހިލަވެލި ސަޕުލައިގެ މަސައްކަތް ކުރާ ފަރާތްތަކަށް ބީޗު ފުރަންޓުން ޖާގަ ހަމަޖެހިގެންދާނެއެވެ.
