ތ.ގާދިއްފުށީގައި ޕޮލިސް ޕޯސްޓެއް ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ.

އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ގާދިއްފުށި ކައުންސިލްގެ ރައީސް ޢަބްދުﷲ ނަސީފެވެ.

ސީޕީ ވިދާޅުވީ ގާދިއްފުއްޓަކީ އިޖުތިމާއީ ގުޅުން ބަދަހި ރަށެއް ކަމަށާއި ފުލުހުންގެ މަރުކަޒެއް ގާއިމުވުމުން ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްވިޔަ ނުދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރެވިގެން ދާނެ ކަމަށެއެވެ.

އަދި ރާއްޖެ އަކީ މިހާރު ދުނިޔެ އަށް ހުޅުވާލެވިފައިވާ ގައުމެއްކަމުން އެހެން ގައުމުތަކާ އަޅާބަލާއިރު، ކުށް ދައުރުވުން ހަލުވި ގައުމަކަށް ވިޔަސް، ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތްކޮށްފި ނަމަ ކުށްމަދު އަމާން ގައުމަކަށް ރާއްޖެ ހެދޭނެ ކަމަށެވެ.

ޭއެހެންވެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްވުން މުހިންމު ވަނީ، މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ، އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި، ތަހްގީގުކޮށް، ގާނޫނު ތަންފީޒް ކުރުމާއި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ޤަަނޫނީ ބާރާއި، އިހްތިޔާރު ލިބިފައިވާ ފުލުހުންގެ ހިދުމަތެއް ފޯރުކޮށް ދިނުން ކަމަށް ވިދާޅުވިއެވެ.