ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ޗައިނާ މެޓަލަރޖިކަލް ގްރޫޕް ކޯޕަރޭޝަންގެ ޗެއަރމަން ޗެން ޖޮންގުއެންގ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާ މެޓަލަރޖިކަލް ގްރޫޕް ކޯޕަރޭޝަންގެ ޗެއަރމަން ވަނީ ރައީސް މުޢިއްޒު ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވީތީ މަރުޙަބާ ވިދާޅުވެފައެވެ.

އަދި އެކުންފުނީގެ ކާމިޔާބީތަކާ ގުޅޭގޮތުން ޗައިނާ މެޓަލަރޖިކަލް ގްރޫޕް ކޯޕަރޭޝަންގެ ޗެއަރމަން ރައީީސް އަށް މަޢޫލޫމާތު އެރުވިއެވެ.

މީގެ އިތުރުން އެކުންފުނިން ރާއްޖޭގައި ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އެކުންފުނީގެ ޙިއްޞާ އިތުރުކުރުމުގެ ޝައުޤުވެރިކަން ޗައިނާ މެޓަލަރޖިކަލް ގްރޫޕް ކޯޕަރޭޝަންގެ ޗެއަރމަން ފާޅުކުރިއެވެ.

މީގެ އިތުރުން ރައީސް ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ގެންގުޅުއްވާ ވިޝަނަރީ ޕްލޭނަށް ތަޢުރީފުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު އުޖާލާވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމުގައި ޗައިނާ މެޓަލަރޖިކަލް ގްރޫޕް ކޯޕަރޭޝަންގެ ޗެއަރމަން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ސަރުކާރުން ކުރިޔަށްގެންދަވަން ރާއްވަވާފައިވާ ބައެއް މުހިންމު މަޝްރޫޢުތަކާއި އެމަޝްރޫޢުތައް ކުރިޔަށްގެންދާނެ ގޮތްތަކާގުޅޭ ގޮތުން އެމަނިކުފާނުގެ ތަސައްވުރު ޙިއްޞާކުރެއްވިއެވެ. އަދި ދެފަރާތުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.