މާލެ ސިޓީއަށް މޭޔަރަކު އިންތިޚާބު ކުރުމަށާއި، ހުސްވެފައިވާ ކައުންސިލްގެ ގޮނޑިތަކަށް ކައުންސިލަރުން ހޮވުމަށ ބާއްވާ ބައި-އިލެކްޝަންގައި މިހައިތަނަށް ވޯޓުލާފައިވަނީ 11 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މާލެއަށް މޭޔަރަކު ހޮވުމާއި ހުސްވެފައިވާ ތިން ގޮނޑިއަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 08:00 ގައެވެ.

އީސީން ބުނެފައިވަނީ މިއަދު 12 ޖެހުމާއި ހަމައަށް ވޯޓުލީ 6،201 މީހުން މީހުން ކަމަށެވެ. އެއީ ވޯޓުލެވޭ މީހުންގެ 11.07 އިންސައްތަ މީހުންނެވެ. ވޯޓުލެވޭ މީހުންގެ ތެރެއިން 49،801 މީހުން ވޯޓުނުލާ ތިބިކަމަށްވެސް އީސީން މައުލޫމާތުދެއެވެ.

މި އިންތިޚާބުގައި ވޯޓުދިނުމުގެ ހައްްޤު ލިބިފައިވަނީ ޖުމުލަ 56،002 މީހުންނަށެވެ.

މާލޭ މޭޔަރުކަމަށް ވާދަކުރައްވަނީ ޕީއެންސީގެ ޓިކެޓްގައި އައިޝަތު އާޒިމާ ޝުކޫރު، އެމްޑީޕީގެ ޓިކެޓްގައި އާދަމް އާޒިމް، ޑިމޮކްރެޓްސްގެ ޓިކެޓްގައި ސައިފު ފާތިހު، އަމިއްލަ ގޮތުން ހުސައިން ވަހީދުގެ އިތުރުން އަލީ ޝުއައިބްއެވެ.

މޭޔަރަކު ހޮވުމާއި ހުސްވެފައިވާ ތިން ގޮނޑިއަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ހަވީރު 05:00 އާ ހަމައަށް    ދާނެއެވެ.