މާލެސިޓީއަށް މޭޔަރަކު އިންތިޚާބު ކުރުމަށާއި، މާލެ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑިއަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވެސް ވޯޓު ލައްވައިފިއެވެ.

މާލެއަށް މޭޔަރަކު ހޮވުމާއި ހުސްވެފައިވާ ތިން ގޮނޑިއަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 08:00 ގައެވެ. މިއަދު މެންދުރު 2:00 އާއި ހަމައަށް، މި ބައި-އިލެކްޝަނުގައި ވޯޓުލާން ނުކުމެފައި ވަނީ މަދު ބައެކެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ، އަދިވެސް 82 އިންސައްތަ މީހުން ވޯޓު ނުލާ ކަމަށެވެ.

މި އިންތިޚާބުގައި ރައީސް ޔާމީން ވޯޓުލައްވާފައިވާއިރު އެމަނިކުފާނުގެ ތާއީދާއެކު މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާފައިވަނީ ކުރީފެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުއެވެ.

މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ޕީއެންސީގެ ޓިކެޓްގައި އައިޝަތު އާޒިމާ ޝުކޫރު، އެމްޑީޕީގެ ޓިކެޓްގައި އާދަމް އާޒިމް، ޑިމޮކްރެޓްސްގެ ޓިކެޓްގައި ސައިފު ފާތިހު، އަމިއްލަ ގޮތުން ހުސައިން ވަހީދުގެ އިތުރުން އަލީ ޝުއައިބްއެވެ.

މޭޔަރަކު ހޮވުމާއި ހުސްވެފައިވާ ތިން ގޮނޑިއަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ހަވީރު 05:00 އާ ހަމައަށް ކުރިއަށް ދާނެއެވެ.