އިންޑިއާ ކަނޑަކީ ވަކި ޤައުމެއްގެ މިލްކެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގައި މިއަދު ޑިއާއަށް މަޢުލޫމާތުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި، އެ ގުޅުން ބިނާވެގެންވަނީ މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށް ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އޭގެތެރޭގައި، އެއް ޤައުމު އަނެއްގައުމަށް އިޙްތިރާމް ކުރުން ހިމެނޭކަމަށެވެ.

އަނެއް އަސާސަކީ ސޮވެރިން އިކުއިލިޓީ ކަމަށާއި، ދެ ޤައުމަކީ ސައިޒުގެ ގޮތުން ތަފާތު ދެ ޤައުމު ނަމަވެސް ސޮވެރިން އިކުއިލިޓީގައި ދެ ޤައުމަކީވެސް ހަމަހަމަ ދެ ޤައުމުކަމަށް ދެކޭކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ރަށްތައް ކިތަންމެ ކުޑަ ނަމަވެސް، އިންޑިއާ ކަނޑުގައި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ވަރަށްވެސް ބޮޑު ކަމަށެވެ. އަދި ރާއްޖޭގެ ޓެރިޓޯރިއަލް އިންޓެގްރިޓީއަށް ޗައިނާއިން ވަރަށް ބޮޑަށް އިހްތިރާމު ކުރާކަމަށް ވިދާޅުވިއެވެ.

”މި ކަނޑުގައި އެއްގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ޤައުމަކަށް ވާނެ ރާއްޖެ. ވަކި ޤައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ. އަޅުގަނޑުމެންނަކީ ވަކި ޤައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ޤައުމެއް.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ކަންކަމަށް ޗައިނާއިން އެއްވެސް ވަރަކަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި، މިދިޔަ ސަރުކާރުގެ ދުވަސްވަރުގައި ފެނުނީ، އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައިވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވެއެވެ.